ސުންނަތް ނަމާދު ކުރުމަށްފަހު ކިޔާނެ ދުޢާއެއް އޮވޭތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ސުންނަތް ނަމާދު ކުރުމަށްފަހު ކިޔާނެ ދުޢާ އާ މެދު ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފަރުޟު ނަމާދުގެ ކުރީގެ ސުންނަތް ނުވަތަ ފަހު ސުންނަތަށް ފަހުގައި ކިޔުމަށް ޚާއްޞަ ވެގެންވާ، ދުޢާ އެއް ނޯވެ އެވެ.

މާނައަކީ، ވަކި ޚާއްޞަ ދުޢާއެއް ނެތުމެވެ.

އެހެނަސް ބަންގި އާއި ޤަމަތާއި ދެމެދުގެ ވަޤުތަކީ އެއީ ދުޢާ ކުރުމަށް އެދެވިގެންވާ އަދި ދުޢާ އިޖާބަ ކުރުމުގެ ވަޤުތުތަކުގެ ތެރެއިން ހިމެނިގެންވާ ވަޤުތެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(لاَ يُردُّ الدُّعَاء بَيْنَ الأَذَانِ و الإِقَامَة)

”ބަންގިއާއި ޤަމަތާ ދެމެދުގައި ކުރާ ދުޢާ ރައްދު ނުކުރެއްވޭނެ އެވެ.“

ފަރުޟު ނަމާދުގެ ސުންނަތް ކުރުމަށްފަހު، ނަމާދަށް ޤަމަތް ދިނުމުގެ ކުރިން ވަޤުތު އޮތްނަމަ ދުޢާ ކުރުން އެދިވެގެންވެ އެވެ. އެއީ ދުޢާ ކުރުމަށް ހެޔޮވެގެންވާ ވަޤުތެއް ކަމުގައިވާތީ އެވެ.

އެހެނަސް ވަކި ޚާއްޞަ ދުޢާއެއް، ނަމާދުގެ ކުރީ ސުންނަތް ކުރުމަށްފަހު ނުވަތަ ފަހު ސުންނަތް ކުރުމަށްފަހު ކިޔުމަށް ވާރިދުވެގެންނުވެ އެވެ.

އޭގެ ބަދަލުގައި، ވަކި ދުޢާއެއް ޚާއްޞަ ކުރުމެއްނެތި، ދެ ދުނިޔޭގެ ހެޔޮކަމަށް އެދި ދުޢާ ކުރުން އެދެވިގެންވެ އެވެ.

ފަހު ސުންނަތަށް ފަހުގައި ދުޢާ ކުރުމަށް، އެވަޤުތަށް ޚާއްޞަކޮށް ދުޢާ ކުރުމަށް ބާރުއެޅިފައިނުވެ އެވެ.

މާނައީ، އެވަޤުތު ހޯދައި އެ ވަޤުތުގެ މައްޗަށް ބާރު އެޅިފައިވާ ވަޤުތެއް ކަމުގައި އެ ވަޤުތު ނުވެ އެވެ.

އެހެނަސް އޭގެ ބަދަލުގައި ބޮޑަށް ބާރުއެޅިފައިވަނީ އަޅުކަމުގެ ތެރޭގައި ދުޢާ ކުރުމަށް މަސައްކަތް ކުރުމެވެ. މާނައަކީ، ސުންނަތް ނަމާދުކޮށް އަވަދި ވުމަށްފަހު ދުޢާ ކުރުމަށްވުރެ ބާރުއެޅިފައިވަނީ ނަމާދުގެ ތެރޭގައި ދުޢާ ކުރުމަށެވެ.

ވުމުން، ނަޞޭޙަތްތެރިވަނީ ފަހު ސުންނަތަށް ފަހުގައި ދުޢާ ކުރުމަށް އިސްކަން ދިނުމަށްވުރެ ފަހު ސުންނަތުގެ ތެރޭގައި ދުޢާ ކުރުމެވެ. އެގޮތުން ފަހު އައްތަހިޔާތުގައި ސަލާމް ދިނުމުގެ ކުރިން ދުޢާ ކުރުން އެދެވިގެންވެ އެވެ.

ޙަދީޘްގައިވެ އެވެ. (سمع رجلًا يصلي، فمجد اللهَ، وحمده، وصلى على النبيِّ صلى اللهُ عليهِ وسلَّمَ، فقال رسولُ اللهِ صلى اللهُ عليهِ وسلَّمَ : ادع تُجَبْ، وسل تُعْطَ) ”ނަމާދަށް ހުރި މީހަކު، ﷲ މަތިވެރިކޮށް، މާތްކޮށް، އެ އިލާހު އަށް ޙަމްދުކޮށް، ނަބިއްޔާގެ މައްޗަށް ޞަލަވާތްކީ އަޑު ނަބިއްޔާއަށް އަޑު އިވިވަޑައިގެންނެވި އެވެ.

ފަހެ އެ ހިނދުގައި ޙަދީޘް ކުރެއްވި އެވެ. ދުޢާ ކުރާށެވެ. ދުޢާ އިޖާބަ ކުރެވޭނެ އެވެ. އަދި ބޭނުންވާ ޙާޖަތް އެދި ދަންނަވާށެވެ. އެ ދެއްވާނެތެވެ.“ صحيح النسائي 1283

ނަމާދުގައި ސަލާމްދިނުމުގެ ކުރިން ދުޢާ ކުރުން ބަޔާންވެގެންވާ ރިވާޔަތްތަކުގައިވެ އެވެ.

(ثُمَّ تَخَيَّرَ منَ الدُّعَاءِ أَعْجَبَهُ إِلَيْهِ فَيَدعُو) ”އެއަށްފަހު ދުޢާގެ ތެރެއިން ކުރުމަށް ލޯބިފުޅު ކުރައްވާ ދުޢާއެއް އިޚްތިޔާރު ކުރައްވާ އެ ދުޢާއެއް ކުރައްވަ އެވެ.“ أخرجه البخاري في كتاب الأذان

އައްތަހިޔާތުގައި ދުޢާކުރެއްވި ޞަހާބީއެއްގެ ޙާދިޘާގައިވެ އެވެ. ޙަދީޘްގައިވެ އެވެ. (دخلَ رسولُ اللَّهِ -صلى الله عليه وسلم- المسجدَ فإذا هوَ برجلٍ قد قضى صلاتَهُ وهوَ يتشهَّدُ وهوَ يقولُ : اللَّهمَّ إنِّي أسألُكَ يا اللَّهُ الأحدُ الصَّمدُ الَّذي لم يلِد ولم يولَد ولم يكن لهُ كُفوًا أحدٌ أن تغفرَ لي ذنوبي إنَّكَ أنتَ الغفورُالرَّحيمُ قالَ : فقالَ رسول الله قد غفرَ لهُ قد غفرَ له ثلاثًا

”رسولُ اللَّهِ -صلى الله عليه وسلم- މިސްކިތަށް ވެދެވަޑައިގެންނެވި އެވެ. ފަހެ، އެހިނދު ނަމާދުން އަވަދިވުމަށް ގާތްވެފައިވާ މީހަކު އައްތަހިޔާތުގައި ދުޢާކުރަމުން ކިޔައެވެ. اللَّهمَّ إنِّيْ أَسْأَلُكَ ياَ اللَّهُ الأَحَدُ الصَّمَدُ الَّذيْ لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَهُ كُفوًا أَحَدٌ أَنْ تَغْفِرَ لِيْ ذُنُوْبِيْ إِنَّكَ أَنْتَ الغَفُوْرُ الرَّحيمُ

އެހިނދު ޙަދީޘް ކުރެއްވި އެވެ. ހަމަކަށަވަރުން އޭނާގެ ފާފަ ފުއްސަވައިފި އެވެ. އޭނާގެ ފާފަ ފުއްސަވައިފި އެވެ. ތިންފަހަރަށް އެފަދައިން ޙަދީޘް ކުރެއްވި އެވެ.“) صحيح أبي داود 985

އަދިވެސް ނަމާދުގެ ތެރޭގައި ދުޢާ ކުރުން އެދެވިގެންވާކަން ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައިވެ އެވެ.

ޙަދީޘްގައިވެ އެވެ. (سمع رجلًا يصلي، فمجد اللهَ، وحمده، وصلى على النبيِّ صلى اللهُ عليهِ وسلَّمَ، فقال رسولُ اللهِ صلى اللهُ عليهِ وسلَّمَ : ادع تُجَبْ، وسل تُعْطَ)

”ނަމާދަށް ހުރި މީހަކު، ﷲ މަތިވެރިކޮށް، މާތްކޮށް، އެ އިލާހު އަށް ޙަމްދުކޮށް، ނަބިއްޔާގެ މައްޗަށް ޞަލަވާތްކީ އަޑު ނަބިއްޔާއަށް އަޑު އިވިވަޑައިގެންނެވި އެވެ. ފަހެ އެ ހިނދުގައި ޙަދީޘް ކުރެއްވި އެވެ. ދުޢާ ކުރާށެވެ. ދުޢާ އިޖާބަ ކުރެވޭނެ އެވެ. އަދި ބޭނުންވާ ޙާޖަތް އެދި ދަންނަވާށެވެ. އެ ދެއްވާނެތެވެ.“ صحيح النسائي 1283

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الإِمَام العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދުގައި ދުޢާކުރުމަށް ބޭނުންވާ މީހާ، އޭނާ ނަމާދުގައި ސަލާމް ދިނުމުގެ ކުރިން ދުޢާ ކުރާށެވެ. ސަލާމް ދިނުމަށްފަހުގަ އެއް ނޫނެވެ. މިއީ ފަރުޟު ނަމާދު ކަމުގައިވިޔަސް އަދި ސުންނަތް ނަމާދު ކަމުގައި ވިޔަސް އެވެ.“ﺍﻟﺸﺮﺡ ﺍﻟﻤﻤﺘﻊ ٣٥١ /٧

ޖަވާބު އަދި މައުޟޫ ސާފު ވެއްޖެ ކަމަށް އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts